އަންނަ މާރޗް މަހުގެ 1 ވަނަދުވަހުން ފެށިގެން ލަންދޫ ގޮނޑުދޮށުން ވެލިނެގުން މަނާކުރަނީ




 
 
 
 
 
 
 
 
 
 
 
ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫލަންދޫގައި މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަކީ މިއަންނަ މަހުގެ 1 ވަނަދުވަހުން ފެށިގެން ގޮނޑުދޮށުން ނަގަމުން މިއަންނަ ދޮންވެލި ނެގުން މަނާކުރާވާހަކައެވެ. މިވާހަކަ އެއް ރަށުތެރޭގައި ފެތުރި ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގިނަޢަދަދެއްގެ ވެލި ގޮނޑުދޮށުން މިދުވަސްކޮޅު ނަގަމުން ދާކަން ލަންދޫއިންފޯއަށް ފާހަގަ ކުރެވިގެން މިއީ ކިހިނެތްވެގެން ވާކަމެއްތޯ ބެލުމުގެ ބޭނުމުގައި ރަށުގެ ކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤާއި ގުޅާލީމެވެ. އެބޭފުޅާ ވިދާޅުވީ އެކަހަލަ ޚަބަރެއް ރަށުތެރޭގައި ފެތުރިގެން އުޅޭކަމަށާއި، އެއީ ފަހަރެއްގައިވެސް ރަށުއޮފީހުން ވަކިއެއްޗެއް ވަކިމީހަކަށް އަންގައިންގެ ފެތުރިގެން އުޅޭ ޚަބަރެއްނޫންކަމަށެވެ. އަދި ވެލިބަންދުވަނީ އޭ ކިޔާފާ ގިނަޢަދަދެއްގެ ވެލި މިދުވަސްކޮޅު ރަށުގެ ގިނަރައްޔިތުން ތަކެއް ރަށުގެ ގޮނޑުދޮށުން ނަގަމުން ދާކަމުގެ މަޢުލޫމާތު ރަށުއޮފީހަށްވެސް ނުސީދާ ގޮތެއްގައި ލިބިފައިވާކަމަށެވެ
.

ކައުންސިލަރ މަޖޫ މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރި ކޮށް ދެމެހެއްޓުމާއި، ބެހޭ ޤާނޫނު" މިއަންނަ މަހުން ފެށިގެން ސަރުކާރުން ހިންގަވަން ފައްޓާވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެޤާނޫނު ގެ ދަށުން ރަށްރަށުގެ ގޮނޑުދޮށް ތަކުން ވެލިނެގުން މަނާވެގެން ދާތީ ރައްޔިތުންގެ ތެރޭގައި މިގޮތަށް އަޑުފެތުރި މިކަމަށް މީހުން ތައްޔާރު ވަމުން ދަނީ ކަމުގައި ލަފާކުރެއްވޭ ކަމަށްވެސް މަޖޫވިދާޅުވިއެވެ.

ކޮންމެއަކަސް މިހާރުވެސް ގޮނޑުދޮށުން ވެލިނެގުން މަނާވެ ހަމައެކަނި ރަށުގެ ފަޅުތެރޭން ވެލިނެގުމުގެ ހުއްދަ އޮންނަ ލަންދޫރައްޔިތުން މިކަން ބަލައިގަންނާނީ ކިހާމިންވަރަކަށް ބާއޭ މިއީ އުފެދޭ ސުވާލެކެވެ. އަނެއްކޮޅުން ރަށުގެ ގިނަބަޔަކު ތުހުމަތު ކުރާގޮތުގައި ވެލިބަންދު ނުވެގެން އެކަން އަވަސްކުރުމަށް ކަމާބެހޭ މިނިސްޓްރީ އަށާއި، އެކިއެކި އޮފީސްތަކަށް ގޮސް ޝަކުވާ ކުރަމުންދާ ބަޔަކުވެސް އެބައުޅެއެވެ.

މިހާރުވެސް ރަށުގައި އަލަށް މީހުންއާބާދުވާ ސަރަޙައްދުގައި އެތައްބައިވަރު ގެތަކެއްގެ ބިންގާ އެޅި އެ ގެތައް އިމާރާތްކުރުމުގެ މަަސައްކަތް ދަނީ ކުރިއަށެވެ. މިގެތަކުގެ ވެރިންގެ ކުރިމަގު ބައްޓަން ކުރުމުގައި ދިމާވާނެ އިތުރު ގޮންޖެހުމަކަށް ނޫނީ ހަމަގައިމުވެސް މިކަން ވެގެންނެއް ނުދާނެއެވެ. ގޮނޑުދޮށުން ނަގަމުން މިއަންނަ ވެލި ނެގުން މަނާވެ ހިލަވެލި ގެނެސްގެން ނުވަތަ ރަށުން ބޭރުން ( ފިނޮޅުން ) ވެލިގެނެސްގެން މަސައްކަތް ކުރަން ޖެހިއްޖެނަމަ ގެދޮރު ޢިމާރާތް ކުރުމަށް މިހާރު އެކުރަމުންދާ ޚަރަދު އެތައް ގުނައަކަށް އަރައިގެން ދާނެއެވެ. އިޤްތިޞާދީ ޚާއްޞަ ޙާލަތު ދިމާޥެފައިވާ މިދަނޑިވަޅުގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް މިކަން ތަޙައްމަލު ކުރެވިދާނެބާއެވެ.

No Response to "އަންނަ މާރޗް މަހުގެ 1 ވަނަދުވަހުން ފެށިގެން ލަންދޫ ގޮނޑުދޮށުން ވެލިނެގުން މަނާކުރަނީ"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme