އައު ހެޑްމާސްޓަރ ގެ މޮޅު ތަޤްރީރު


 
 
 
 
 
 
 
 
 
 
ލިޔުނީ : އަޙްމަދު ދާއޫދު / ލަންދޫ
ހެނދުނުގެ އެސެމްބްލީ ކުރިއަށް ދަނީއެވެ. ހެޑްމާސްޓަރ ގެ ވާހަކަ ފުޅު މެދަކާހިސާބަށް ދިޔަތަނާ ކުދިންތަކުގެ މެދުން ކޮންމެވެސް ކުއްޖަކު މަޑުމަޑުން ބިންމައްޗަށް ތިރިވެއްޖެއެވެ. ޙަލީމާ މިއަދުނޫނަސް ވެއްޓެއެވެ. އެހެން ކަމުން މިއީ އެހާ ބޮޑުކަމަކަށް ނުވިއެވެ. އެތާކައިރީގައި ތިބި ދެކުދިންގެ އެހީއާއި، ކޮންމެވެސް ޓީޗަރެއްގެ އެހީތެރިކަމާއި އެކު ޙަލީމާ ގެންގޮސް ޖެހިގެންހުރި ކްލާސްރޫމަށް ވައްދާފާ މޫނުގައިފެންފޮދެއް އުގުޅާލުމުން ރަގަޅުވެއްޖެއެވެ. ޙަލީމާ ވެއްޓޭ ކޮންމެދުވަހަކުވެސް ކަންހިގަނީ މިބީދައިންނެވެ. ދެ ޑެސްކްފައްތަރު ކޮށްލައިގެން އިރުކޮޅަކު އޮށޯވެ އޮވެލުމަށްފަހު ކްލާހަށް ދަނީއެވެ. އޭރުހުންނާނީ ފުރަތަމަ ގަޑީގެ ދެބައިކުޅަ އެއްބައެއްހާ އިރަށް ވަގުތު ހިނގާފައެވެ 

މާގިނަދުވަސް ތަކެއް ނުވެ ސްކޫލްގެ ހެޑްމާސްޓަރ ބަދަލުވެއްޖެއެވެ. މިފަހަރު މިއައީ މާދުރު ހިސާބެއްގެ ބޭފުޅެކެވެ. މިބޭފުޅާގެ ފެންވަރާއި، މަޢުލޫމާތު ހުރިވަރު އެނގޭނީ ދެއްވާ ތަޤްރީރު ތަކާއި، ވާހަކަތަކަށް ކަނުލައި އަހާލުމުން ނެވެ. އާދިއްތަދުވަހުގެ އެސެމްބްލީއެވެ. އެއްކަލަ ހަލީމާ މިއަދުވެސް ހަމަ ކުރީދުވަހެކޭ އެއްފަދައިން ހޭކުޑަވެގެން ވެއްޓިއްޖެއެވެ. މިތަންފެނިފާ ހެޑްމާސްޓަރަކަށް ހިމޭނަކުން ނުހުރެވުނެވެ. އެހިސާބުން އެސެމްބްލީ މެދުކަނޑާލިއެވެ. އަދި އަވަސް އަވަހަށް ޙަލީމާގެ ކައިރިއަށް ގޮސް ވީގޮތެއް ރަގަޅަށް ސާފުކުރެވޭތޯ އެކި އެކުސުވާލުތައް ކުރައްވަން ފައްޓަވައިފިއެވެ.
ހެޑްމާސްޓަރ: ޙަލީމާ އައީ އެއްވެސް އެއްޗެއް ކައިގެންތަ؟
ޙަލީމާ : ނޫން ސަރ. އަޅުގަނޑު ސްކޫލަށް އަންނަނީ އެއްވެސް އެއްޗެއް ނުކައި ، އިންޓަވަލަށް ގެއަށްގޮސްފާ އެއްޗެއް ކަނީ.
ހެޑްމާސްޓަރ. އެހެންތަ . އެހެން ވެކަަމަށް ވެދާނެ ތިހެން ތިވަނީދޯ.
މިނޫނަސް މިކަމާ ގުޅުންހުރި އެތަކެއް ސުވާލު ކުރެއްވިއެވެ. އަދި ޖެހިގެން އައިދުވަހު ސްކޫލްގެ ހުރިހާބެލެނިވެރިންނާއި، ބައްދަލުކުރައްވާ މުޚާތަބު ކުރެއްވިއެވ.ެ މިކަމާގުޅޭގޮތުން ވާހަކަ ފުޅުދެއްކެވިއެވެ.
އޭނައިގެވާހަކައިގާ ވިދާޅުވިއެވެ. ދުވަހުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާ އެވެ؟ ހަށިގަނޑަށް ފައިދާހުރި ކާނާއެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެ ހަރަކާތްތައް ރަގަޅަށް ފެށުމަށް ލިބޭ ބާރެކެވެ.
ވަގުތު ނެތުމާއި ބަނޑުހައި ނުވުމާއި އަދި އިތުރު ސަބަބުތަކާ ހުރެ ހެނދުނު ސައި ނުބޮއި ކުދިން ސްކޫލަށް އަންނަ އައުން މިއަދު އަޅުގަނޑުމެންގެ ތެރެއިން ފުހެލަން ވެއްޖެއެވެ. ހެނދުނު ސްކޫލަށް އައުމުގެ ކުރިން ނާސްތާކުރުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގަންނަވަން މިއަދު ވަނީ އަޅުގަނޑުމެންނަށް ޖެހިފައެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނު ރަނގަޅަށް ނާސްތާކޮށްގެން ސްކޫލަށް ދާކުދިންނަށް ވުރެން، ހެނދުނު ސައި ނުބޮއި ސްކޫލަށް ދާކުދިންގެ ނަތީޖާ ދަށެވެ. އެމެރިކާގެ ހަވާރޑް މެޑިކަލް ސްކޫލްގެ ޑރ. ރޮނާލްޑް ކުލެއިމެން ވިދާޅުވެފައިވެ އެވެ. "ރަނގަޅު ނާސްތާއެއް ކޮށްގެން ކުދިން ސްކޫލަށް ދިއުމުން ކިޔެވުމަށް ކުދިން ރަނގަޅަށް މަސައްކަތް ކުރެއެވެ. ހާޒިރީ ރަނގަޅުވުމާއެކު، މާބޮޑަށް ހަލަނިވެގެން އުޅުން މަދުވެއެވެ. ނާސްތާ ނުކޮށް ސްކޫލަށް ދިއުމުން ކިޔެވުމަށް ދޭންވާ ސަމާލުކަމެއް ނުދެވެ އެވެ. އަދި މިކަމުގެ ސަބަބުން ކުލާހުގައި ވިޔާ ނުދާކޮށް އުޅެ އެވެ. މުދައްރިސުން ކިޔަވާދެއްވާ އިރު އަޑު ނޭހުމާއި، އެހެންކުދިންނާއި ތޮޅުމާއި ، އެހެންކުދިންގެ ތަކެތި ސިއްރުން ނެގުން ފަދަ ކަންތައްތައް ކުދިން ކުރެއެވެ. "

ވާހަކަ ފުޅުކުރިއަށް ގެންދަވަމުން އަދިވެސް އިތުރަށް ވިދާޅުވިއެވެ. ހެނދުނުގެ ނާސްތާ އަކީ ރޭގަނޑުގެ ނިދީގައި ހޭދަކުރާ ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށް ފަހު އެތެރެކުރެވޭ ކާނާގެ އެތިކޮޅެވެ. ރޭގަނޑުގެ ނިދިން ތެދުވާއިރުގެ ހަށިގަނޑުގެ ހަކަތަ ހުންނަނީ ވަރަށް ދަށްވެފަ އެވެ. އެހެންކަމުން ދުވާލުގެ ހަރަކާތްތައް ފެށުމަށް ހަކަތަ ބޭނުންވެ އެވެ. ސިކުނޑި އާއި އަދި ހަށިގަނޑުގެ މުހިއްމު އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ހަކަތަ ލިބި ހަށިގަނޑުގެ މަސައްކަތްތައް ފަށައިގަތުން ހުއްޓިފައި އޮންނާނީ ހެނދުނު މި ދެވޭ ކާއެތިކޮޅެއްގެ މައްޗަށެވެ. ސިކުނޑި އަށް ބޭނުންވާ ހަކަތަ އަކީ ހަމައެކަނި ގުލްކޯޒު އަންދައިގެން ލިބޭ ހަކަތަ ކަމަށް ވާއިރު އެންމެ ކުޑަމިނުން ސައިތަށްޓެއް ވެސް ނުދީ ސްކޫލަށް ފޮނުވާ ކުދިން، އެ ކުދިންނަށް މުދައްރިސް ކިޔަވައިދެއްވާ ފިލާވަޅުތަކަށް ސަމާލުކަން ދީ ފިލާވާޅުތައް ދެނެގަންނާނީ ކިހިނެއްބާވަ އެވެ؟ ބޮލުގައި ރިހުމާއި ، މޭ ނުބައި ކުރުމާއި، ބަނޑުގައި ރިހުމުގެ ތެރެއިން ފިލާވަޅަށް ދެވޭ ސަމާލުކަމެއް އޮންނާނެތޯ އެވެ؟
އެދުވަހުގެ ބައްދަލުވުމުގައި ހެޑްމާސްޓަރ ދެއްވި ތަޤްރީރު ނިންމަވާލެއްވީ ހެނދުނު ނާސްތާ ނުކުރުމުން ލިބިދާނެ ބައެއް ގެއްލުންތައްވެސް ކިޔައިދެއްވާފައެވެ. އަދި ދުނިޔޭގެ އެކި އެކި ޤައުމުތަކުގައި މިކަމާގުޅޭގޮތުން ހަދާފައިވާ ބައެއް ދިރާސަތުގެ ނަތީޖާތައްވެސް ބެލެނިވެރިންނާއި ހިއްސާ ކުރެއްވުމަށްފަހުގައެވެ.
ކޮންމެއަކަސް މިހާރު ހުރިހާ ބެލެނިވެރިންވެސް އެތިބީ ހެޑްމާސްޓަރގެ ވާހަކަ ފުޅުރަގަޅަށް ޤަބޫލުކޮށްގެންނެވެ. އެއްވެސް ކުއްޖަކު ސައިނުބޮއި ސްކޫލަކަށްނުދެއެވެ. އެންމެ ކުޑަމިނުން އިންޑޯ މިލްކް ޕެކެޓެއްނަމަވެސް ނުވަތަ ކަޅު ސައިތައްޓެއްނަމަވެސް ދީފާ ނޫނީ ސްކޫލަކަށް ނުފޮނުވައެވެ. މިހާރަކު އެއްކަލަ ޙަލީމާ އެއްވެސް އެސެމްބްލީ އޭރިޔާ އަކަށް ނުވެއްޓެވެ.

No Response to "އައު ހެޑްމާސްޓަރ ގެ މޮޅު ތަޤްރީރު"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme